މާދަމާއިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުމުގެ އިންތިޒާމު ހަމަޖއްސާފައިވާކަމަށް އިންޑިއާގެ އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
އިންޑިއާގެ އިމިގްރޭޝަނުން ބުނާ ގޮތުގައި މި ބަދަލާއެކު، އިމިގްރޭޝަން ކައުންޓަރުތަކުގައި އެތައް އިރަކު މަޑުކުރަން ޖެހުމަށް ނިމުމެއް އައިސް، ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަވެގެންދާނެއެވެ. މިހާރު އޮންނަ އުސޫލުން ނަމަ އިންޑިއާއަށް އެތެރެވާ ބިދޭސީން ކާޑު ފުރަން ޖެހެނީ އިންޑިއާ އެއާޕޯޓުގައި ތިބެގެންނެވެ.
މި އައު ނިޒާމުގެ ދަށުން، މަސައްކަތަށް، ފަތުރުވެރިކަމަށް، ކިޔެވުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށްވެސް އީ-އެރައިވަލް ކާޑު އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އީ-އެރައިވަލް ކާޑުގައި ފުރަންޖެހޭނީ ޕާސްޕޯޓް ނަންބަރު، ގައުމު، ދަތުރުގެ ބޭނުން، އިންޑިއާގައި ހުންނާނެ އެޑްރެސް އަދި ގުޅޭނެ ތަފްސީލު ފަދަ އާންމު މައުލޫމާތުތަކެވެ.
އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ތައުލީމް ހާސިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދާ އަވަށްޓެރި ގައުމަކަށްވުމާއެކު، މި ބަދަލަކީ ދިވެހިންނަށްވެސް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.


