އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ފާއިތުވި މަސްތަކުގެ ތެރޭގައި ސްކޭބީސް ބަލި ޖެހިފައިވާކަން ހެދާރެޒް ނޫސް އިން ކުރި ތަޙުޤީޤަކުން ހާމަވެއްޖެއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރެވުނު މި ތަޙުޤީޤުގެ ނަތީޖާ ހާމަކޮށްފައިވަނީ ޖަލު އޮފިޝަލުން ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ ފަލަސްތީނު ބަންދު މީހުން ބޭތިއްބުމުގެ ޙާލަތާ މެދު މަޝްވަރާކުރުމަށް ނިންމާފައެވެ. މިކަން ނިންމީ ބަލި ފެތުރުން ހުއްޓުވުމަށާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި، ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޖަލު އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ތުހުމަތުތަކެއް ކުރެވެމުންދާތީއެވެ.
އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުން ބުނާ ގޮތުގައި އެމީހުންނާމެދު މިފަދައިން ޢަމަލުކުރަނީ އިހުމާލުވުމުގެ ސަބަބުން ނޫން ކަމަށާއި، ގަސްދުގައި ކަމަށެވެ.
އެގޮތުން ހެދާރެޒް އާ ވާހަކަދެއްކި ބަންދުކުރި މީހަކު ބުނި ގޮތުގައި، ފަރުވާއަށް އެދުމުން އިސްރާއިލް ސިފައިން ވަނީ ފަލަސްތީނު މީހުންނަކީ ޓެރަރިސްޓުން ކަމަށާއި، އެމީހުން ޖެހޭނީ މަރުވާންކަމަށް ބުނެފައެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. މީގެ ތެރެއިން 15 އަހަރުގެ އިޔާދު އިދައިސް އަކީ ސްކޭބީސް ބަލި ޖެހި، ހަށިގަނޑުއަދި އަނގައިގާ ފާރުތައް އުފެދިފައިވާ ކުއްޖެކެވެ.
ސްކޭބީސް ބަލި ޖެހެނީ ކުދި ފަނިތަކެއް ހަމުގެ އެތެރެއަށް ވަދެ، ބިސް އަޅައިގެންނެވެ. މީގެ ސަބަބުން ހަންގަނޑުގައި ހިރުވުމެއް އުފެދި، ރަތްވެ، އިތުރު ބަލިތަކަށް މަގުފަހިވެއެވެ.
ހެދާރެޒްގެ ރިޕޯޓުގައިވާ ގޮތުން، ނަފްހާ އަދި ރެމޯން ޖަލުތަކުގައި ތިބި ބަންދު މީހުންގެ ވަކީލުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ގިނަ ބައްދަލުވުންތައް ވަނީ މި ބަލި ފެތުރުމާ ގުޅިގެން ފަސްކުރެވިފައެވެ. އަދި ގިނަ ކޯޓު އަޑުއެހުންތައް ވެސް ވަނީ ފަސްކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ޖަލު އިދާރާއިން ބުނެފައިވަނީ މިވަގުތު ޖުމްލަ 1,704 ބަންދު މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށެވެ.
މި ޚަބަރު ހާމަވުމާ ގުޅިގެން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ މި މައްސަލަ އަވަހަށް ބަލައި، ބަންދު މީހުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި، އެމީހުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލާފައެވެ.


