Tuesday, 28 July 2026

ކަޝްމީރުގައި ބިންގަނޑު ކަނޑައިގެން ގޮސް 30 މީހުން މަރުވެއްޖެ

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް 30 މީހުން މަރުވެ، އިތުރު ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކަޓްރާ ސަރަހައްދުގައި ހުންނަ ހިންދޫންގެ މުގައްދަސް ތަނެއް ކަމަށްވާ ވެއިޝްނޯ ދޭވީ މަޒާރާ ކައިރީގައެވެ. މި ހާދިސާއާ ގުޅިގެން ވެއިޝްނޯ ދޭވީ ފައްޅިއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ޕަރަމްވީރު ސިންގް އަނަޑޯލް ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި، މި ހަފްތާ ހޯމަ ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 30 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ބިންގަނޑު ކަނޑައިގެންގޮސްފައިވާ ސަރަހައްދު ސާފުކޮށް، ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތުގައި ސެކިއުރިޓީ ފޯސްތަކާއި، ކާރިސާގައި އެހީތެރިވާ ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ހިމާލަޔާ ސަރަހައްދަށް ބޯކޮށް ވެހޭ މޫސުމީ ވާރޭގެ ސަބަބުން ދިމާވި އެންމެ ފަހުގެ ކާރިސާއެވެ. މި ވިއްސާރައިގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގައި ސަތޭކަޔަށްވުރެ ގިނަ މީހުން މަރުވެ، އަދި ގިނަ ބަޔަކު ގެއްލިފައިވާ ކަމަށް ވެއެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ހާދިސާތައް ދިމާވާ މިންވަރާއި، އޭގެ ނުރައްކާ ވަނީ އިތުރުވެފައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖޫން މަހުން ފެށިގެން އިންޑިއާގައި މޫސުމާ ގުޅުންހުރި ކާރިސާތަކުގައި 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޕާކިސްތާނުގައި 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *