ފުލުހުން ސީޒްކުރި ބަރަހަނާ މަންޒަރު ހިމެނޭ ޓެލެގްރާމް ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންނާއި، 18 އަހަރުން ދަށުގެ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯތައް ޕޯސްޓްކޮށްފައި ހުރި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ވަނީ ބަރަހަނާ މަންޒަރު ހިމެނޭ 5571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައި ވެއެވެ.
އޭގެތެރެއިން ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމަށާއި، އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ބުނެފައެވެ.
ފުލުހުން މިއަދު ވަނީ ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދިއުމާއި ގުޅިގެން ހައްޔަރުކުރި ތިން މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ.
އެއީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.
މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާއިރު، ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.


