ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު (ޔޫސޭ) މަޤާމުން ވަކިކޮށްފިކަމަށް ންރައީސް އޮފީހު އިއުލާނުކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންކަމަށެވެ.
ޔޫސުފަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގަމު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
މި ބަދަލާ ގުޅިގެން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި މިހާރު ތިއްބެވި އިސް ބޭފުޅުންގެ ތެރޭގައި ލުބްނާ މުހައްމަދު ޒާހިރު، ޑރ. މުހައްމަދު ކިނާނަތު، އާދަމް މުހައްމަދު އަބްދުﷲ، އަހުމަދު ސިއްދީގު އަދި އަބްދުލްމަޖީދު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

ޔޫސުފްގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރުމާ ބެހޭގޮތުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެކެވެ.


