ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އިސްމާއީލް ހަބީބު އަބްދުއްރަހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ހަބީބު އައްޔަންކުރެއްވީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ޑރ. މުއިއްޒު ވަނީ ހަބީބާއި ހަވާލުކުރައްވާފައެވެ.
އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހަބީބު ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަގާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން ހަބީބް ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.


