Tuesday, 28 July 2026

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހުންނަށް ދައުވާކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމަށް ހަމަލާ ދިން މައްސަލާގައި ތުހުމަތުކުރެވޭ ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ޝަމީމަށް ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން އޭނާގެ އަތުގައި ޖެހުމުން، އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

އެ މައްސަލައާ ގުޅުވައި ޕީޖީ އޮފީހުން މިއަދު ބުނީ، ހައްޔަރުކޮށްފައިވާ ހަތް މީހުން މައްޗަށް ދައުވާކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ޕީޖީ އޮފީހުން ވަނީ ހައްޔަރުކޮށްފައިވާ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ކޮށްފައެވެ.

މި މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރާއި ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމްގެ މައްޗަށެވެ.

މީގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.

ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށްފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.

ޝަމީމަށް ދިން ހަމަލާއަށް ފަހު، ސިފައިން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *