ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކުރީ 65 މެންބަރުންގެ ވޯޓާ އެކު އެވެ.
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރަމުން އޭނާ ވަނީ އިސްތިއުފާ ދެއްވިކަން މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ޕީޖީގެ މަގާމުން ޝަމީމު އިސްތިއުފާދެއްވުމާ ގުޅިގެން ޕީޖީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ ހުންނެވީ ޑެޕިއުޓީ ޕީޖީ މަހުމޫދު ސަލީމް އެވެ.
"ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން މި އޮފީހަށް އަންގަވާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް މަހްމޫދް ސަލީމެވެ" :ޕީޖީ އޮފީސް
ޕީޖީ ޝަމީމު ވަކިކުރުމަށް ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ޝަމީމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މައްސަލަ ހުށަހެޅުއްވީ މިމަހުގެ 13 ވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައެވެ.


