ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި ހަތް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ މިއަދު އެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެމީހުންނަކީ:
- ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
-
ޒަޔާން ނަސީރު، 23، ކެމީހިޔާ/އދ. މާމިގިލި
-
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
-
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
-
މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
-
މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
-
އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
ފުލުހުން މީގެ ކުރިން ވަނީ ރ. އަލިފުއްޓަށް އުފަން މިދުހަތު އާދަމާއި ލ. ގަމަށް އުފަން މުހައްމަދު ޖަޒްލާނާއި އދ. މާމިގިއްޔަށް އުފަން ޒަޔާން ނަސީރުގެ ވަނަވަރު އާންމުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ޝަމީމަށް ހަމަލާ ދީފައިވަނީ މަރުތޭލެއް ފަދަ އެއްޗަކުންނެވެ. އަދި ހަމަލާ އަމާޒުކުރީ ބޮލަށް، ނަމަވެސް އެ ހަމަލާ އެރީ ވާތުގެ މުލައްދަނޑިއަށެވެ.


