ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރިއަށްދާ ޝަރީއަތް ލައިވްކޮށް ދައްކަން އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.
ޔާމީންގެ މައްޗަށް ކުރި ދެ ދައުވާގެ ތެރެއިން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެގެން ޖަލަށްލީ ހަތަރު އަހަރު ދުވަހަށެވެ. މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޖަލަށްލީ ހަތް އަހަރު ދުވަހަށެވެ.
އޭގެ ފަހުން، ވެރިކަން ބަދަލުވެ މި އަހަރުގެ އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކޮށްފައެވެ. އެ މައްސަލައިގައި ދެން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް އެ ކޯޓުން މިނިވަންކުރިއެވެ.
ނަމަވެސް، ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަންގައިފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް ހިންގި އެ ޝަރީއަތް ލައިވްކޮށް ދައްކާފައިވާ ކަމަށެވެ. އެހެންވެ، މިފަހަރުގެ ޝަރީއަތް ވެސް ލައިވްކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވީއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.


