ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވާން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް، ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި މައްސަލަ އިއްޔެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ސިޓީ މަޖިލީހުގައި ވަނީ އިއްވާފައެވެ. އެ ސިޓީގައި ބުނާގޮތުން ޕީޖީ ޝަމީމް ޤާނޫނު އަސާސީ އާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާތީ ޝަމީމް އަކީ ޕީޖީގެ މަޤާމުގައި ހުރުމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ.
ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތަަކުގެ ތެރޭގައި ހިމެނެނީ:
– ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން
– މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން
– ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީ އާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން
– ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން
– ޝަމީމް ވަނީ ބަނގުރާ އާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން
– އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން
– ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން
– ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.
އިއްޔެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ނިންމާ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ޖުޑިޝަރީ ކޮމިޓީއަށް އަލުން ފޮނުވާފައެވެ.
އަދި އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުން ފާސްކުރީ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޖަވާބުދާރީވާން ޝަމީމަށް ފުރުސަތު ދިނުމަށެވެ. އެހެންވެ، އެކަމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، އެ މައްސަލަ އެޖެންޑާކުރަން މިއަދު ވަނީ ނިންމައިފަ އެވެ.


