Tuesday, 28 July 2026

ވިއްސާރައިގައި ގެއްލުންވަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް

ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް އެންމެ އިސްކަމެއް ދީގެން އެހީވާނަން: ރައީސް

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް ސަރުކާރުން އެންމެ އިސްކަމެއް ދީގެން އެހީ ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކުގައި ފެންބޮޑުވެ ގެދޮރާއި ހިފާ ގެންގުޅޭ އަގު ބޮޑު މުދަލަށް ވެސް ދަނީ ގެއްލުން ލިބެމުންނެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

"މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަން." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ.

އަދި އެގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ޙައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ އެލާޓްވެސް ނެރެފައެވެ. އެގޮތުން އޮޖެންޖް، ޔެލޯ އަދި ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

އަދި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް، ފުލުހުން އަދި ޑިޒާސްޓާރ މެނޭޖްމަންޓް ގުޅިގެން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *