މިއަދު ހެނދުނުން ފެށިގެން މެދު ނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ ފެނުއަޑިއަށް ގޮސް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހެން ފެށީ މިއަދު ހެނދުނު 11 ޖަހާކަށް ހާއިރެވެ. މެޓް އޮފީހުން ދެންމެ ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 6:15 އާ ހަމަ އަށެވެ.
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ހިނގާ މީހުންނަށާއި ވެހިކަލްތައް ދުއްވުމަށް ވަނީ ހުރަސްއެޅިފައެވެ.
ފުލުހުން ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި، މާލެ އާއި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަންނަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންވެ، ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ބައިވެރިވެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ، ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ގެތަކަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާ ޖަހަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗު ސަރަހައްދު، ވެސްޓް ޕާކް ސަރަހައްދު، މާފަންނު ޕިއްޒާބޯނާ ސަރަހައްދު، ދިރާގު ސަރަހައްދު އަދި ދަރުބާރުގެ ސަރަހައްދުގައެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއާ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.


