Tuesday, 28 July 2026

ޔާމީންގެ އާރަށު މައްސަލައިގެ ހުކުމާއި ހަމައަށް ގޮސްފި

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުގައި ހުކުމާ ހަމައަށް ގޮސްފިއެވެ.

މި މައްސަލައިގައި 2022 ވަނަ އަހަރުގެ ޑިސެންބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. އޭރު ހައިކޯޓުން ނިންމީ މައްސަލަ އަލުން ބަލާއިރު ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވެފައިވަނީ، މިއީ އަޑުއެހުން ނިމިފައި އޮތް މައްސަލައެއް ނަމަވެސް އިތުރު ބައެއް ކަންކަން ސާފުކުރުމަށް އަޑުއެހުމެއް ބޭއްވި ކަމަށެވެ. އަދި މައްސަލައިގައި ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ޑރ. މުހައްމަދު އިބްރާހީމެވެ. ކުރިން ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *