Tuesday, 28 July 2026

ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމާއި ހަންކެޑެ ބްރިޖްގެ މަސައްކަތް އިންޑިއާއިން ނިންމައި ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

އެ ތިން މަޝްރޫއުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފައި މި ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް މިއަދު އައްޑޫއަށް ކުރެއްވި ދަތުރުގައެވެ.

އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ މަސައްކަތް ފެށީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ. މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓް ހިމެނެއެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުރެއެވެ. ހަންކެޑެ ތަރައްގީ ކުރަނީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކޮށް، އެ ހިސާބުގައި ވަކި ބްރިޖެއް އަޅައިގެންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ޖުމްލަ 184.3 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ، އެގޮތުން ހިތަދޫގެ ދެ ސަރަހައްދެއް ހިމެނޭހެން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓުއާ ލިންކްގެ އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރު އަދި ފަތުރުވެރިކަމަށް ހާއްސަކޮށް 8.3 ހެކްޓަރުގެ ތިން ރަށެއް ވަނީ ހިއްކާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އައްޑޫ ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ވަނީ 7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި ހިމާޔަތްކޮށްފައެވެ.

މި ރަސްމިއްޔާތަށް މިއަދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ އިންޑިއާއިން އައްޑޫގައި އެކަނި 220 މިލިއަން ޑޮލަރު އިންވެސްޓުކޮށްފައިވާ ކަމަށާއި އެގައުމުން ތަރައްގީއަށް ފޯރުކޮށްދޭ އެހީގެ މަގުސަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ފަހިކޮށްދޭ، ފައިދާތައް ހޯދައި ދިނުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާގެ 30 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އެންސީޕީއެލްއީ) އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ދިވެހި ސަރުކާރާއެކު އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ބައިވެރިވެފައި ވަނީ އައްޑޫ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ކަމަށެވެ.

 

 

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *