Tuesday, 28 July 2026

ރައީސް މުއިއްޒު ބެހެއްޓެވި ގާތްކަމަށް، ޖައިޝަންކަރު ޝުކުރު އަދާކުރައްވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެކްސްގައި ޖައިޝަންކަރު ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވީ އެ މަނިކުފާނު ކުރެއްވި ޕޯސްޓެއް، ރިޕޯސްޓް ކުރައްވަ އެވެ.

އަދި ޖައިޝަންކަރު ވިދާޅުވީ ކިޔުއްވި ހޫނު މަރުހަބާ އަށާއި ބެހެއްޓެވި ގާތްކަމަށް ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާކަމަށާއި، އިންޑިއާއި އަދި ރާއްޖޭގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުގައި އުޅުއްވަމުން ޖައިޝަންކަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން ދާ ބައެއް މަޝްރުއުތަކުގެ ނިމުން ފާހަގަ ކުރުމާއި އާ އެއްބަސްވުންތަކުގައި ސޮއިކުރުން ހިމެނެއެވެ. އެގޮތުން ޖައިޝަންކަރު ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކަށް ފަހު ދެގައުމު ގުޅިގެން ކުރިއަށް ދާނެ ދާއިރާތަކާއި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ޖައިޝަންކަރާ އެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ، އިންޑިއާ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *