ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ 13 އޮފިސަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހަށް މިއަދު ފޮނުވައިފިއެވެ.
މާފުށީ ޖަލުގައި ފުލުހުން ހިންގި އޮފަރޭޝަނެއްގައި ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާއި ގުޅިގެން ބެލި ބެލުމުގައި ހެކި ހުރުމުން އެ އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، މި 13 މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ޖޫން 28 ގައި ހައްޔަރު ކުރި 13 ކަރެކްޝަންސް އޮފިސަރުން ހައްޔަރުކޮށް މާފުށީ ޖަލުގައި ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބަޔަކު ރިޝްވަތު ހިފުމަކީ ކުށެއް ކަމަށާއި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.


