Tuesday, 28 July 2026

ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރާނަން: ރައީސް

ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތުތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

'އިންޑިއަން ގްރާންޓް އެސިސްޓެންސް’ގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އިޖުތިމާއީ އަދި އިގްތިސޯދީ ދާއިރާގެ ތަރައްގީގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، މި ސްކީމްގެ ދަށުން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ، ގުޅުން ރަނގަޅުވަމުން އަންނަކަން ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ސަބަބުން ސާބިތުކޮށްދީފި ކަމަށެވެ.

އަދި ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވަރުގަދަކޮށް، އާ ހަރުފަތުތަކަށް އެ ގުޅުން ގެންދިއުމަށްޓަކައި މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *