އިންޑިއާއެކު ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ)އެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްްވަރާ ކުރަން އިންޑިއާގެ ފޮރިން މިނސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރަށް ހުށަހަޅުއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކަން އިއުލާނުކުރެއްވީ ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖެއާއެކު ފްރީޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އެއް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ހުށަހެޅުން ޖައިޝަންކަރަށް ހުށަހަޅުއްވައި އެކަމާ ބެހޭ މަޝްވަރާތައް ފަށަން ބޭނުންވާ ކަމަށެވެ. އަދި އެކަން މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ޖައިޝަންކަރުގެ ދަތުރުގައި ދެ ގައުމަށް ވެސް މުހިންމު އެކި ދާއިރާތަކާ މެދު މަޝްވަރާކުރައްވާނެ އެވެ. އެގޮތުން އިގްތިސޯދާއި، ވިޔަފާރި އާއި އިންވެސްޓްމެންޓް ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުމުގެ ވާހަކަތައް ހިމެނެ އެވެ.
ދެން ހުރި ކަންކަމުގެ ތެރޭގައި ތައުލީމާއި ހުނަރު ތަރައްގީ ކުރުމާއި ކުޅިވަރުގެ ދާއިރާ އާއި ދިފާއީ އަދި ސަލާމަތީ ކަންކަމާއި، ކޮންސިއުލާއާ ގުޅޭ ބައި ވެސް ހިމެނެ އެވެ.
އަދި ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ގައުމުގެ ސިފައިންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށް ޖޮއިންޓް ތަމްރީނުތައް ކުރިއަށް ގެންދަން ވަނީ އެއްބަސްވެފައެވެ.
ޒަމީރު ވަނީ އިންޑިއާއިން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ދޭ އެހީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެކި ދާއިރާތަކުން މެދުކެނޑުމެއް ނެތި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.


