Tuesday, 28 July 2026

އަހަރަކު ދެފަހަރު ބައި-އިލެކްޝަންތައް ބޭއްވުމަށް ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން ހަ މަސް ތެރޭގައި ބާއްވަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެެވެ.

ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުއްވީ، އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއުއެވެ. ހަމައެއާއެކު މި އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށް ޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމް ވަނީ ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއިސްލާހު ފާސްކުުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދިނުމަށް ހުޅުވާލުމުން މި އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. މިއިސްލާހު ފާސްކުރުމާ ދެކޮޅަށް ހަތް މެންބަރުން ވޯޓު ދެއްވި އެވެ.

މިހާރު ޤާނޫނުގައި އޮންނަނީ ކައުންސިލްތަކުގެ މެންބަރެއް އިސްތިއުފާދެއްވައިފި ނަމަ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ބައި-އިލެކްޝަނެއް ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް މިގޮތަށް އޮތުމުން ޚަރަދު ބޮޑުވާތީ އިލެކްޝަން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު ފާސްކުރެވިގެން މިދިޔަ އިސްލާހާއެކީ ބައި-އިލެކްޝަން ބާއްވަން ޖެހެނީ އެ މަގާމު ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައި، 183 ދުވަހުގެ ތެރޭގައެވެ. އަދި ކައުންސިލްގެ ދައުރު ހަމަވާން ކައިރިވެފައިވާނަމަ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުން ލާޒިމު ނޫން ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *