ވީރާނާވެފައިވާ ގެއެއްގައި ވިއްކަން ކާބޯތަކެތި ހަދަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު އެ ގެ ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅޭ ތިން ބިދޭސީއެއް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެގެއަކީ ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްކަމަށާއި، ފާސްކުރިއިރު އެތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީން ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށާއި އެހެންކަމުން މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.


