ކުއްލި އާއިލީ ކަމެއް ދިމާވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަންގަވައިފި އެވެ.
ގާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީކުރުވުމަށް މަޖިލީހަށް ހާޒިރު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.
އެގޮތުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިނިސްޓަރު ހައިދަރާ، ސުވާލުކުރުމަށެވެ. އެއީ ގުޅިފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީޚަކާއި، ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ހިސާބަކުތޯ ސާފުކުރުމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4،000 ފުލެޓު ލިބުނު ފަރާތްތަކަށް އެ ފުލެޓުތައް ހަވާލުކުރެވޭނީ ކޮންއިރަކުންތޯ ސުވާލުކުރުމެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ހައިދަރަށް މިއަދުގެ ޖަލްސާއަށް ހާޒިރުވެވެން ނެތުމުން މިނިސްޓަރަށް ވަޑައިގެންނެވޭ ދުވަހަކަށް ސުވާލު ތާވަލު ކުރައްވާނެ ކަމަށެވެ.
ފްލެޓުތަކުގެ މައްސަލައިގައި ހާޒިރުވެވެން ނެތްކަމަށް ހައިދަރު އަންގާފައި ވަނީ މިއަދު ހެނދުނެވެ. ރޭ އާންމު ކުރި މަޖިލީހުގެ އެޖެންޑާގައި ވެސް އޮތީ ހައިދަރު ހާޒިރު ގޮތާގޮތަށެވެ. އެކަމަކު އާއިލީކަމެއް ކުއްލިއަކަށް ދިމާވެ، ހާޒިރުވެވެން ނެތީކަމަށް މިނިސްޓަރ މަޖިލީހަށް އެންގެވި އެވެ.
މަޖިލީހުގައި އަމަލު ކުރަމުން ދާ އުސޫލަކީ މެމްބަރެއް ވަޒީރަކަށް ސުވާލެއް ކުރައްވާނަމަ އެ ސުވާލު މަޖިލިސް އިދާރާއިން ފޮނުވައި ޖަވާބުދާރީވެ ތައްޔާރުވުމަށް 14 ދުވަހުގެ ނޯޓިސްއެއް ދިނުމެވެ. އަދި ގާނޫނުއަސާސީގެ ދަށުން ކެބިނެޓު ވަޒީރުން ހާޒިރު ކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ.


