ރާއްޖެ އިން ޗައިނާއާ އެކީ ހަދާފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖެ އަށް ވާނެ ފައިސާ ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
'ހަވަރު ބެރު’ގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ފައްޔާޒު ވިދާޅުވީ، އިކޮނޮމިކް ސޮވިރިނިޓީ ނުވަތަ އިގުތިސާދީ ސިޔާދަތީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އިގުތިސާދީ ސިޔާދަތު ހިފެހެއްޓޭނީ ޓްރޭޑް ސޮވެރިނިޓީ ނުވަތަ ވިޔަފާރީގެ ސިޔާދަތު ހިފެހެއްޓިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނަގާފައި، ދުބާއީ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ގެންނަ މުދަލުން ޑިއުޓީ ނަގާ ނަމަ އެ މުދާތައް ގެންނަން ޗައިނާ އަށް އެކަނި ބަރޯސާވާން ދިވެހި ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަަމަށެވެ. އޭގެ ސަބަބުން އެހެން ގައުމުތަކުން ގެންނަ މުދަލުގެ އަގު ބޮޑުވުމާއި ވާދަވެރި މާހައުލެއް ނެތުން ފަދަ ކަންކަން ދިމާވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާހިސާބަށް އައިއިރު ދިވެހިރާއްޖޭގައި އޮތީ ވަރަށް ޓްރެޑިޝަނަލީ، ޒަމާނުއްސުރެ ބިލްޑުވެފައި އޮތް ޓްރޭޑް ލިންކުތަކެއް. އޭގެ ތެރޭގައި އިންޑިއާ، އެއީ ވަރަށް ޒަމާނުއްސުރެ، ކޮޅުނބު، ދެން އައިސް ސިންގަޕޫރު، ދުބާއީ، ޗައިނާ ދެން ޔޫރަޕް ވެސް އޭގެ ތެރޭގައި އެބަ ހިމެނޭ. މިހެން ހުރި ޓްރޭޑް ލިންކްސްތަކެއް ހުއްޓާ އެފްޓީއޭއެއްގެ ވާހަކަ މިދައްކަނީ،" އޭނާ ވިދާޅުވިއެވެ.
ޗައިނާއާ އެކީ އެފްޓީއޭ ހެދުން އެމްޑީޕީން މައްސަލައެއްގެ ގޮތުގައު ފާހަގަކުރާ އިރު، އެމްޑީޕީ ސަރުކާރުން އިނގިރޭސިވިލާތާ އެކީ، އެފްޓީއޭއެއް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރިކަން ފައްޔާޒް ފާހަގަކުރެއްވި އެވެ. އަދި އެއީ ރާއްޖެ އިން އެންމެ ގިނައިން މަސް ބޭރުކުރާ ގައުމަށްވާތީ އޭގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ޗައިނާއަކީ އުފެއްދުންތެރިކަން ބޮޑު ގައުމަކަށްވާއިރު، އެގައުމުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑައި، ރާއްޖެއިން ވިޔަފާރިކުރާ އެހެން ގައުމުތަކުން ޑިއުޓީ ނަގާނަމަ ވިޔަފާރިވެރިންނަށް ޖެހޭނީ ހަމައެކަނި ޗައިނާއިން ތަކެތި ގެންނަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ޗައިނާގެ އެފްޓީއޭގެ އެއްބަސްވުން ތަންފީޒު ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފު ވާނެ ކަމަށާއި އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


