ފަތުރުވެރިކަމުގެ ގަދަ 3 ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުމަށް އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
"ވެލްކަމް އިންޑިއާ" ނަމުގެ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ފެށި ބޮޑު ހަރަކާތާއި ގުުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މިހާރު މިކުރެވޭ މަސައްކަތްތަކާއެކު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރ ފައިސަލް ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިިޔުމަށް ރާވާފައިވާ ކަމަށާއި، އެގައުމުގެ އެއާލައިންތަކާއި ވާހަކަ ދައްކާ އެގައުމުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިނިސްޓަރ ފައިޞަލް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައިވަނީ އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޝްރީ ގަޖެންދްރާ ސިންގ ޝެކާވަތު އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމު ގުޅިގެން ގުޅުންތައް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ރޯޑްޝޯ ދިއްލީގައި މިހާރު ކުރިއަށް ދާއިރު މި ހަރަކާތުގައި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.


