ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރަސްމީ ބޭނުންތަކުގައި ބޭނުންކުރެއްވި އީމެއިލް ޑިލީޓް ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މެސެޖެއްގައި ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުން ކުރެއްވި ރަސްމީ އީމެއިލް އެކައުންޓުގައިވާ ހުރިހާ އީމެއިލްތައް މިދިޔަ އަހަރުގެ ތެރޭގައި ޑިލީޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވާކަމަށެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައި މިވަނީ ޑރ. އައިޝަތު އަލީ މިއަދު ފޭސްބުކްގައި ޕޯސްޓެއް ކުރެއްވި ފަހުންނެވެ.
މިއަދު ފޭސްބުކްގައި އައިޝަތު އަލީ ކުރެއްވި ޕޯސްޓެއްގައި ވަނީ، އޭނާ މިނިސްޓަރު ކަމުގައި ބޭނުންކުރެއްވި އީމެއިލް މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު 3:15ގައި އެ އީމެއިލްއަށް ވަންނަން ކޮންމެވެސް ފަރާތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އެ އީމެއިލް އެއްވެސް މީހަކަށް މެއިލްއެއް ގޮސްފިނަމަ އެއީ އޭނާ ފޮނުއްވި އީމެއިލް އެއް ނޫން ކަމަށް ދެކުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.


