Tuesday, 28 July 2026
BREAKING

ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

މިދިޔަ ހަފުތާގައި ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ، ޕާކިސްތާނުގެ މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ކަމަށެވެ.

އަދި އެމީހާ އަތުން ފެނުނު މަސްތުވާތަކެތީގެ ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

"ޖުމްލަ ބަރުދަނުގައި ޕެކިނާ އެއްކޮށް 2.12 ކިލޯގްރާމް އެތަކެތީގައި އެބަހުރި. މި ޕެސެންޖާގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދިއިރުގައި ރާއްޖެ އައިސްފައި ވަނީ އަބޫދާބީ މަގުން، އަބޫދާބީ މަގުން މާލެއަށް،" އޭނާ ވިދާޅުވިއެވެ.

އެ މީހާގެ އަތުން ފެނުނު 2.12 ކިލޯގެ ޑްރަގް ޕޮޒިޓިވްވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ވަހީދު ވިދާޅުވިއެވެ.

އެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެއީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ޕާކިސްތާނު މީހާ ހިމެނޭ ގޮތަށް ހައްޔަރުކުރި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ހައްޔަރުކޮށްފައިވާ ދެ ދިވެހިންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ބަޔެއްގެ ތަހުގީގު ވެސް ކުރިއަށްގެންދާ ކަމަށް ފުލހުން ބުންޏެވެ. ނަމަވެސް މިހާރު ވެސް ތަހުގީގު ކުރިއަށްދާތީ އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތު ދެެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *