އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލައި، މަދަނީންނާއެކު ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން މިއަދު ބުނީ ޑޯނިއަރ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފުން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާ ދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ޚިދުމަތް، މަދަނީންނާއެކު މިހާރު ފަށާފައިވާ ކަމަށެވެ.
އެމް.އެން.ޑީ.އެފުން މިކަން ހާމަކޮށްފައިވާއިރު ރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވީ، މަދަނީ މީހުންނާއެކު އިއްޔެ ފުރަތަމަ ފްލައިޓުގައި ބަލި މީހަކު އުފުލީ ހދ. ހަނިމާދޫން މާލެއަށް ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ވައިގެ އުޅަނދުތައް ދުއްވަން މީގެ ކުރިން ތިބީ އިންޑިއާ ސިފައިންނެވެ. ނަމަވެސް މިދިޔަ މެއި މަހު ވަނީ ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބާލައި އެ ބޯޓުތައް ދުއްވަން އިންޑިއާގެ މަދަނީ މީހުން ރާއްޖެއަށް ގެނެސްފަ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑޯނިޔާ އޮޕަރޭޓު ކުރުމަށް ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފަނުވާލުމުގެ ވައުދުފުޅާ އެކުގައެވެ.


