ވިޔަފާރިތަކާއި ރިސޯޓުތަކުންނާއި އެހެނިހެންވެސް ގޮތް ގޮތުން ސަރުކާރަށް ލިބެންޖެހޭ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފަށަން ނިންމައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފުސީލު ހާމަކުރައްވާ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެށޭ ހަފުތާގެ އަންގާރަ ދުވަހު ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ޖަވާބުދާރީވުމަށްޓަކައި މީރާ ހާޒިރުކުރާނެ ކަމަށެވެ. އަދި ނުލިބިހުރި ފައިސާއާ ގުޅޭގޮތުން ސުވާލުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ފައިސާ ނުލިބި ވަނީ ކީއްވެގެންކަން ސާފުވާންޖެހޭ ކަމަށާއި އެކަމުގެ އެންމެ ފުނަށް ފީނަންޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު 15 ބިލިއަނަށް އަރައެވެ.
އަދި އެ ރުފިޔާ ހޯދުން ނޫން ގޮތެއް ނެތް ކަމަށާއި، ފައިސާ ހޯދަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިފަދައިން ވިދާޅުވިއިރު ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.


