Tuesday, 28 July 2026

އުނގޫފާރުގައި ކަރަންޓުގައި ޖެހި ކުއްޖަކު ނިޔާވުން: ފެނަކަ ޖޫރިމަނާ ކޮށްފި

ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އެއްކުއްޖަކު ނިޔާވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ)އިން ނެރުނު އިއުލާނެއްގައި ވަނީ މިދިޔަ މެއި މަހުގެ 23ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސްމީޑިއާގެ ޒަރިއްއާއިން، ޖެހިގެން އައި ދުވަހު ކަމަށެވެ. އެއާއެކު އެ މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށް އިއުލާނުގައިވެއެވެ.

ޔޫ.އާރު.އޭ އިން ވަނީ ކަން ހިނގައިދިޔަ ގޮތާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައި ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައިވުމުން ކަން މައްސަލައިގެ ތަޙްޤީގުން ފާހަގަވެފައިވާ ކަމަށް ޔޫ.އާރު.އޭ އިން ވަނީ ބުނެފައެވެ.

"އަދި، މި ތަހުގީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓަޑުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު (އީއެލްސީބީ) ހަރުކުރެވިފައެއް ނުވެއެވެ." އިއުލާނުގައިވެއެވެ.

އުނގޫފާރުގައި ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި ޔޫ.އާރު.އޭ ގެ ތަހުގީގުން ސާބިތުވާކަމަށް އެ އެތޯރިޓީން ވަނީ ބުނެފައެވެ. އެހެންކަމުން ޤާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 50,000/- (ފަންސާސް ހާސް ރުފިޔާ) އިން 22 ޖުލައި 2024 ގައި ފެނަކަ ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް ފެނަކައަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން އެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވީ، ވިއްސާރަވެ ހެދިފައި އޮތް ކޯރުގަނޑެއްގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތްކުރަން ދިޔުމުންނެވެ. އެ ހާދިސާގައި ހާލު ދެރަވީ އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *