މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ "އަންވެއިލިންގ ވިޝަން 2024″ އާޓް އެކްސްޕޯއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ފަންނާނުންނާއި ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ސްކީމެއް އިޢުލާން ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެގްޒިބިޝަން އާޓިސްޓުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި އެކްސްޕޯގައި ރައީސް މުއިއްޒު ވަނީ އާޓިސްޓިކް ދާއިރާތަކާއި މަސައްކަތްތަކަށް މީގެ ކުރިން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގްރާންޓް ސްކީމްގެ އަމާޒަކީ ފަންނާނުންނާއި ފަންނާނުންގެ އުފެއްދުންތެރި މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
އުފެއްދުންތެރިކަން އިތުރުކޮށް ތަމްރީނު ދިނުމުގެ އިތުރުން ކުރިއަށް އޮތް އެކްސްޕޯތަކާއި އާޓް އެގްޒިބިޝަންތައް މެދުވެރިކޮށް ފަންނާނުންގެ މަސައްކަތްތައް ދައްކާލައި ވިއްކުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލޭގައި ޔޫތު މިނިސްޓްރީގެ އާ އިމާރާތެއް އެޅުމަށް ރާވާފައިވާކަން ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި އެފަރާތްތަކުގެ މަސައްކަތަށް ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެކްސްޕޯސަރ ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ފަންނާނުންނާއި ފަންނާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި އާމްދަނީގެ ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. "އަންވެއިލިން ވިޝަން 2024″ އެކްސްޕޯގައި އެމަނިކުފާނުގެ އަރިހުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.


