މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ހާސިލް ކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް 19 ދަރިވަރަކު ހާސިލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ތެރެއިން އެ އިމްތިޙާނުތަކުގެ "އިސްލާމް" އާއި "ދިވެހި" ހިމެނޭގޮތަށް، 5 މާއްދާއަކުން "އޭ ސްޓާރ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ.
މި ދަރިވަރުންނަށް މި ސްކޮލާޝިޕް ރައީސް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް ހާސިލު ކުރި 19 ދަރިވަރުންނަކީވެސް މާލޭގެ އެކި ސުކޫލުތަކަށް ނިސްބަތްވާ ދަރިވަރުންނެވެ. އެގޮތުން މި ސްކޮލާޝިޕް ހާސިލުކޮށްފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރެއްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއް އަދި އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރުންނެވެ.
މިއިން ކޮންމެ ސްކޮލަރޝިޕެއް ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް، ދުނިޔޭގެ ނިސްބަތުން މަތީފެންވަރުގެ ޔުނިވާރސިޓީއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެއެވެ.


