ކ. މާލެ: ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އެ ހިތާމާގައި ބައިވެރިވެވަަޑައިގަންނަވާ ކަމަށެވެ. އަދި ކުރީގެ ރައީސް ސޯލިހްގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސްވަނީ ދުޢާކުރައްވާފައެވެ.
ކުރީގެ ރައީސް ސޯލިހްގެ މަންމާފުޅު މިއަދު އަވަހާރަވުމުން، އެ މަނިކުފާނަށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންވެ.
އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ. މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު އެވެ.


