ބޭރު ޤައުމުތަކުގައި އިސްލާމްދީނުގެ ދައިރާއިން ތަމްރީނު ހޯދުމުގެ ފުރުޞަތުގެ ދަށުން، ބްރޫނާއީގައި ތަމްރީންވުމަށް ރާއްޖޭގެ 20 އިމާމަކު ފުރައިފިއެވެ.
މިއީ ރާއްޖެއިން ބޭރަށް މިއަހަރު ފޮނުވި އިމާމުންގެ ތިން ވަނަ ބެޗެވެ.
ބްރޫނާއީގައި ދިވެހި އިމާމުން ތަމްރީންވުމުގެ ފުރުޞަތު ލިބިފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވީ، މިމަހުގެ އެއްވަނަ ދުވަހުއެވެ. އިމާމުންނަށް ބާއްވާ މި ތަމްރީނު އޮންނާނީ ބްރޫނާއީ ދާރުއްސަލާމްގައި ހުންނަ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައެވެ.
މި އަހަރުގެ މިހާތަނަށް ތަމްރީނަކަށް 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ފެށި މި މަޝްރޫޢުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ސަޢުދީ ޢަރަބިއްޔާ، މިޞްރު، މެލޭޝިއާ އަދި ބްރޫނާއިގެ އިތުރުން އިންޑޮނޭޝިއާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.


