ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
ކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުން މަދު ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާތީ ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިުއެވެ.
"އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ކީރިތި ޤުރްއާނުގެ ޢިލްމާއި ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ކޮންމެ ކަމެއް ކުރުމުގައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ވެސް ޚާއްޞަ ވިސްނުންތަކެއް ތަންފީޒުކުރަމުންގެންދާ ކަމަށާއި އެ ގޮތުން މި ވަގުތު މާލޭގައި ހުރީ "ދާރުލް އީމާން"ގެ އިތުރުން އިތުރު ވަޤުފް އިމާރާތްތަކެއް ސަރުކާރުން ޤާއިމްކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ވެސް ވިދާޅުވި އެވެ.


