ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޙުސައިން ޝަރީފް ނިޔާވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށްވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ، ޝަރީފް ނިޔާވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދުގެ ވަގުތެއްގައި ޝަރީފް އަވަހާރަވިއިރު، އޭނާގެ ކަށުނަމާދު އޮންނާނީ މާދަމާ ރޭ އިޝާ ނަމާދަށް ފަހު މާލެ އިސްލާމީ މަރުކަޒުގައެވެ. އަދި މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެެވެ.
ޝަރީފް ނިޔާވުމާ ގުޅިގެން ވަޒީރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުންދަނީ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙުސެއިން ޝަރީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ވަޒީރުވަނީ ޝަރީފްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.
ޝަރީފް މަޝްހޫރުވެފައިވަނީވެސް އެރަށުގެ ނަން ކަމަށްވާ ބޮލިފުށި، ޝަރީފްގެ ގޮތުގައެވެ.


