ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބިދޭސީ މަސައްކަތްތެރިން ބައިތިއްބާނެ އެކޮމޮޑޭޝަންތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް ޑިފެންސް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިންޓަގްރޭޓެޑް މައިގްރަންޓް ޑޯމިޓޯރީގެ ނަމުގައި ލޭބާރ ކުއާޓާރތަކެއް ބިނާކުރުމުގެ މަސައްކަތްތައް މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރުމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ލޭބަރުން ބައިތިއްބަން ކުއާޓާރތަކެއް ބިނާކުރުމުގެ ވިސްނުން ގެންގުޅުއްވަނީ އަންސްކިލްޑް ލޭބަރުން އުޅޭ ތަންތަނުގައިކަމަށެވެ. އެގޮތުން މާލެ ހުޅުމާލެ އަދި ތިލަފުށީގައި އެފަދަ ތަންތަން ބިނާކުރުމަށް މަޝްވަރާ ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.
ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ އަލްޓައިޒް ޑިޖިޓަލް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ހުށައަޅާފައިވަނީ ބިދޭސީންނަށް އެއްތަނަކުން ހުރިހާ ޚިދުމަތްތަކެއް ލިބޭގޮތަށް އެކޮމޮޑޭޝަންތަކެއް އެޅުމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ބިދޭސީންނަށް މުސާރަ ދޭއިރު 1500 ރުފިޔާ އާއި 2000 ރުފިޔާ އާއި ގާތް ކުރާ އަދަދެއް އެކަމަޑޭޝަންގެ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ކުންފުންޏަކުންވެސް ދޭކަމަށެވެ. އެހެންކަމުން ސަރުކާރުން ހިޔާލުކުރަނީ އެ އަދަދާއި އެއް ހަމަވާ ފަދަ ހިދުމަތްތަކެއް ލިބޭނެ ގޮތަކަށް މި މަސައްކަތްތައް ބައްޓަން ކުރަންކަމަށެވެ.
"އަޅުގަނޑުމެން މެލޭޝިޔާ ކުންފުނީގެ މި ޕްރޮޕޯސަލް 13 މެއިގައި އިންވެސްޓް މޯލްޑިވްސްއަށް ފޮނުވީ. އަޅުގަނޑުމެން ބުނިން މި ޕްރޮޖެކްޓަށް އަޅުގަނޑުމެން އެއްބަސްވާކަމަށް. އަދި 10 ޖުލައި އިކޮނޮމިކް ކައުންސިލްގައި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން މަޝްވަރާކުރީ. މިހާރު ވާނީ ކުންފުނިން ބޭނުންވާ ފައިނަލް ޓަރމްސް އަޅުގަނޑުމެންނަށް ފޮނުވުމަށް. އަދި އެމީހުން ފޮނުވާ ފައިނަލް ޓަރމްސްއާމެދެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފައި ފައިނަލް އެއްބަސްވުމަކާ ހަމައަށް ދާނީ." ވަޒީރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، ފޭޝަލް ރެކޮގްނިޝަން ފަދަ ކަންކަން ހިމަނައިގެން އެތަންތަން ފަރުމާކޮށްދިނުމަށް ކުންފުނިންވަނީ ހުށައަޅާފައިކަމަށެވެ. އެހެންކަމުން އިންވެސްޓް މޯލްޑިވްސްއާއި އިކޮނޮމިކް ކައުންސިލާއި މަޝްވަރާ ކުރުމަށްފަހު ނިންމައި އެވޯޑް ކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް އެވޯޑުކުރީ އެންމެ ފަހުގެ ނިންމުންތައް އަދި މަޝްވަރާތަކަށް ފަހު ނިންމާ ގޮތުގެ މަތިންކަމަށާއި ތަންތަނުގައި އެކަމަޑޭޝަން އަޅަންޖެހޭ މިންވަރު ފަދަ ބައެއް ކަންކަން އަދި ކަނޑައެޅި ނިމިފައިނުވާކަމަށް މައުލޫމާތު ދެއްވިއެވެ.


