ރާއްޖެއިން 1.2 މިލިއަން ޑޮލަރު، (19.8 މިލިއަން ރުފިޔާ)ގެ އެހީ ފަލަސްތީނަށް ހަދިޔާކުރަން ނިންމައިފި އެވެ.
ރާއްޖޭން ފަލަސްތީނަށް އެހީ ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދުއެވެ.
އެގޮތުން އދ.ގެ މައި މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ "އަންރުވާ ޕްލެޖިން ކޮންފަރެންސް"ގައި، ސަފީރު ވިދާޅުވީ 1.29 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ރާއްޖެއިން ފަލަސްތީނަށް, އަންރުވާ މެދުވެރިކޮށް ހަދިޔާ ކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ، ރާއްޖޭން ކޮންމެ އަހަރު ޔޫއެންއާރްޑަބްލިއުއޭއަށް ދެމުން އަންނަ އެހީ 5،000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލްތޯނުން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ވެސް ޔޫއެންއާރްޑަބްލިއު މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުއްލި ނުރައްކާތެރިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާ އިން ކުރާ މަސައްކަތް ނަސީރު ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ މާލީ އެހީތެރިިކަން އިތުރުކުރަން ވެސް ބައިނައިލްއަގްވާމީ މުޖުތަމައުއަށް އޭނާ ގޮވާލެއްވި އެވެ.


