ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާ އަށް ފުލުހުން ހުރަސް އަޅާފައިވާއިރު، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން އެހީތެރިކަން ދިން ކަމަށެވެ.
ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެއް ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ހަމަޖައްސައިދިން ކަމަށްވެސް ބުނެފައިވެ އެވެ.
ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު ދާނީ ފަހިކޮށްދެމުން ކަމަށާއި މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ޤައުމުގެ ކުރިއެރުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ.


