Tuesday, 28 July 2026

ކުޑަކުދިންނަށް އަދަބުދޭނަމަ އުފެދޭނީ ކުށްވެރިންގެ ޖީލެއް – ޝަމީމް

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކުށްކުރާ ކުޑަކުދިންނާއި ކުށުގެ ވެށީގައި އުޅޭކުދިންނަށް ދެނީ ފަރުވާ ކަމަށާއި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ހަނގުކޮށް، ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލާނަމަ އެއުފެއްދެނީ ކުށްވެރިންގެ ޖީލެއްކަމަށް ޕްރޮސިކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ ގިނަބަޔަކު ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަހުސް ފެށިފައި ވަނިކޮށް ޝަމީމް 2022 ވަނަ އަހަރު އޭނަ ޕޯސްޓް ކޮށްފައިވާ ލިޔުމެއް ރިޕޯސްޓްކޮށް ބުނެފައިވަނީ ކުޑަކުދިންނަށް ދޭންވީ އަދަބުނޫން ކަމަށައި އެކުދިންނަށް ދޭންވީ ފަރުވާ ކަމަށެވެ. އަދަބުދީ ޖަލަށްލާނަމަ އުފެދޭނީ ކުއްވެރިންގެ ޖީލެއްކަމަށާއި ބަދަލުގައި ކުޑައިރު ކުރެވޭ ކުށުން ދުރުކުރަން، އެ ޅަ ސިކުޑިތަކަށް ވިސްނައިދީ ރިހިބިލިޓޭޓް ކުރަންވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖުތަމައުގައި ނުއެއް ތިބޭނެއެވެ." ޝަމީމްގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ. ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުމެވެ." – ޝަމީމް

ޕީޖީ ވިދާޅުވީ ހައްލަކީ ރިހެބިލިޓޭޝަން ކަމަށާއި އެ ފަރުވާ ދިނުމުގެ ނިޒާމެއް މިހާރު ވެސް ރާއްޖޭގައި އޮވެ އެކަން ތަންފީޒު ނުވަނީ ކަމަށެވެ.

އަދި އެކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި ތިބިކަމަށާއި، ކުށްކުރާ އުމުރުގައި އުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެ ނަމަ، ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށް ކަމަށް ޕީޖީވަނީ ވިދާޅުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *