ތަފާތު އެކިއެކި މައްސަލްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެތި ރައްކާކުރާ ސްޓޯރޭޖް ބަލާ އެތާގައި މައްސަލައެއް ހުރިތޯ ބެލުމަށް އެތަނަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ދައުވަތު ދެއްވާ ކަމަށް ފުލުހުންގެ ޗީފް ސުޕްރިންޑެންޓް އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޕޮލިހުންގެ ބެލުމުގެދަށުގައި ހުންނަ މަސްތުވާތަކެތި ގެއްލޭ ކަމަށް ބުނެ މަޖިލީހުގެ 241 ކޮމިޓީއިން އެމައްސަލަ ބަލަން ފެށުމާ ގުޅިގެންނެވެ.
އެ ކޮމިޓީ އަށް މައްސަލަ ހުށަހެޅުއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި މީދާ ކައިފައިވާ ކަމާއި މަސްތުވާތަކެތި ގޮދަން ފުށަށް ބަދަލުވުމާއި ބައެއް ތަކެތިން ފުލުހުން އަލުން ވިޔަފާރި ކުރާ ކަމުގެ ވާހަކަތައް އިވިވަޑައިގަންނަވާ ކަމަށެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޝާކިރު ވިދާޅުވީ ފުލުހުންނާ މެދު އެފަދަ ތުހުމަތެއް ކުރިއިރު، މިހާތަނަށް 241 ކޮމިޓީ އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑަކުން ވެސް އެ މައްސަލާގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް ހީއެއް ނުވޭ އެފަދަ ތުހުމަތެއް ކުރެވޭ ނަމަ މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންނާ ސުވާލު ނުކޮށް ހުންނާނެހެން،" ޝާކިރު ވިދާޅުވި އެވެ.
ފުލުހުން މަސްތުވާތަކެތި ރައްކާ ކޮށްފައި ހުންނަ ޑްރަގް އެންފޯސް ޑިޕާޓްމަންޓަކީ 24 ގަޑިއިރު މޮނިޓާކޮށް، އެ ތަނަށް ވަންނަ މީހުން ދެނެގަނެވޭ ގޮތަށް ހުންނަ ތަނެއް ކަމަށް ޝާކިރު ވިދާޅުވި އެވެ. ޑްރަގް ސްޓޯރޭޖަކީ ރައްކާތެރި ކަމުގެ އިތުރު ލޭޔާތަކެއް ހިމަނާފައި ހުންނަ ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝާކިރު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ނައްތާލުމުގެ ޕްރޮސެސް ކުރިއަށް ގެންދަނީ ވެސް ވަރަށް ދެފުށް ފެންނަ ގޮތެއްގައި މީޑިއާތަކާއި އާންމުންނަށް ހުޅުވާލައިގެންނެވެ. އެ ނައްތާލާ ގަޑީގައި ބޭނުން ނަމަ ވަގުތުން ޓެސްޓު ވެސް ކުރުމުގެ ފުތުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


