ސަރުކާރުން ޗައިނާގެ ކުންފުންޏަކަށް ބިން ވިއްކި މައްސަލައިގަ، މިސަރުކާރުން ގާނޫނު ބޭނުން ކުރައްވަނީ ދިވެހިންނަށް ވެފައިވާ ވައުދުތައް ނުފުއްދުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ އެކްސްގައި ސަރުކާރަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވަނީ ހުަޅުމާލޭގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބިމެއް ވިއްކާލަން ގާނޫނެށް ބޭނުން ނުވި ކަމަށް ވިދާޅުވެފައެވެ.
”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުތުރުތިލަފަޅުން ދީފަވާ ގޯތިތައް ޗައިނާ އަށް ’ގަސް ހައްދަން‘ ދޭން ގާނޫނެއް ބޭނުމެށް ނުވި. ދިވެހިންނަށް ވައުދުފުއްދަން ހުއްޖަތަކަށް ގާނޫނު“ މާރިޔާ އެކްސްގައި ވިދާޅުވި އެވެ.
އަންގާރަ ދުވަހުގެ ރޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅުދައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިއްމު ކަމަށް ވިދާޅުވެފައެވެ.


