Tuesday, 28 July 2026

ވައުދުތައް ފުއްދުމަށް ފާސްކުރަންޖެެހޭ 200 އަށްވުރެ ގިނަ ޤާނޫނު އެބަހުރި – ރައީސް

ސަރުކާރުން ރައްޔިތުންނަށްވި ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމު ކަމަށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް 200 އަށް ވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭއިރު މިއީ މަޖިލީހުގެ އެއްބާރުލުން ނެތި ނުކުރެވޭނެ ކަމެކެވެ. އޭގެ ތެރޭގައި ގާނޫނަށް ގެންނަ އިސްލާހުތައް ވެސް ހިމެނޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ބިމާ ބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާ ބެހޭ ހާއްސަ ބިލަކާއި ރިއަލް އެސްޓޭޓާ ބެހޭ ބިލަކާއި ދުނިޔޭގެ ތަރައްގީވެފައި ބައިބޯވެފައި ހުރި ސިޓީތަކުގައި ހުރި ކަހަލަ ކަންކަން ބައްޓަން ކުރުމަށް ހަދާފައި ހުރި ބިލްތައް.. މި ކަންކަމެއް ނުވާނެ، މި ވިސްނުމުގައި މިކަންކަން ކޮށްދިނުމުގެ ވިސްނުމުގައި ބަޔަކު ހިޔާރުނުކޮށްފިއްޔާ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ފެނުނު ކަންކަން ތަކުރާރުވިޔަ ނުދޭން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ވެސް ޖަލްސާގައި ތަކުރާރު ކުރެއްވި އެވެ.

 

.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *