ބީއެމްއެލް އިން ބޭރުގެ ބައެއް މާޗަންޓް ސައިޓުތައް ކޮވިޑް އާއި ގުޅިގެންއައި ޑޮލަރުގެ ތާށިކަމުގެ ސަބަބުން ބްލޮކް ކޮށްފައި ބެހެއްޓުމަށްފަހު މިއަދު ވަނީ އޭރުގަ ބްލޮކް ކުރި މާޗަންޓް ސައިޓްތައް ދޫކޮށްލައި ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓްގެ މުއާމަލާތް އަނެއްކާވެ ހުޅުވާލާފައެވެ.
ބީއެމްއެލް އިން ބުނީ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތް ކުރެވޭ ގޮތް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.
ބޭންކުން ޑިޖިޓަލް ވޮލެޓްްތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓު ތަކަށް ދޫކުރުން ހުއްޓާލީ ކޮވިޑާ ގުޅިގެން އައި ޑޮލަރުގެ ދަތިކަމުގެ ތެރޭގައެވެ.
މި ބަދަލާއެކު ޑޮލަރު އެކައުންޓަށް ލިންކް ކޮށްފައިވާ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑާއި މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުން ކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ލިބިގެނެވޭނެ އެވެ. މީގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުން ވެސް މި މުއާމަލާތް ހިންގަން މަގުފަހި ވެގެންދާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ސީއީއޯ ކާލް ސްޓުމްކަ ބުނީ މިއީ ފްރީލާންސްކޮށް މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެ އިން ބޭރުން ލިބޭ ފައިސާ އަށް ބަރޯސާވާން ޖެހޭތީ ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި މިއީ ބޭންކުގެ ޕޭމަންޓް ހިދުމަތުން ކަސްޓަމަރުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.


