ރޯދަމަހުގެ ފަހު ދިހައިގަ ސަރުކާރުގެ ވޒީފާތަކަށް ނުކުނަށްޖެހޭ މުވައްޒިފުންނަށް އިތުރު އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ނިއްމަވައިފި އެވެ.
ރައީސްގެ މި ނިންމެވުމުން ހާމަކޮށް ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާ އެއްް ނެރެފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ކަމަށެވެ. އެ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ވެސް ވަނީ އަންގާފައެވެ.
އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތް ދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށެވެ.
ފިނޭންސް އިން ބުނި ގޮތުގައި ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މި 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްކަމެއް ގޮތުގައި ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭނެ އެވެ. އަދި މި އިނާޔަތް ޖަމާކޮށް ދެނީ އޭޕްރީލް މަހުގެ މުސާރައާއެކުގއި ކަމަށެވެ.
ރަމަޟާން މަހު ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ޑިސެންބަރު 10 ވަނަ ދުވަހު އެވެ.


