ރޯޑް ޑިވެލޮޕްމަންޓު ކޮމްޕެނީ (އާރްޑީސީ)ގެ ހިޔާނާތުގެ މައްސަލާގައި އެމްޑީޕީގެ ޗެއާރ ޕާރސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ފުލުހުންގެ ހެޑްކުއާޓަރ އަން ހާޒިރު ވުމަށް އަންގާފައިވަނީ އިންތިހާބުގެ މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރުހީވެގެން ސިޔާސީ ބޭނުމެއްގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެ އެވެ.
ޝާހިދު "އެކްސް"ގައި ފައްޔާޒުއަށް ފުލުހުންގެ އިދާރާއަން ހާޒިރުވާން އަންގާފައިވާ ޗިޓާއެކު ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ފައްޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުވަނީ ސިޔާސީ ގޮތުންް ކަމަށާއި އަދި އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ގެއްލިދާނެ ކަމުގެ ބިރަށް އަޅާ ނިކަމެތި ފިޔަވަޅެށް ކަމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިތުރުން ޝާހިދު ވަނީ އިދިކޮޅު ލީޑަރުންނާއި މަޖިލިސް މެމްބަރުންނަން ބިރުދެއްކުމާއި ސިޔާސީ އުނދަގޫ ކުރުން ހުއްޓާލުމަށް ވެސް ގޮވާލައްވާފަ އެވެ.
“އިންތިހާބު ބާއްވަން ޖެހޭނީ ބިރުވެރިކަމާއި ބަދަލު ހިފުމާއި ބިރުދެއްކުމުން އެއްކިބާވެފައިވާ މާހައުލެއްގަ”-ޝާހިދު-
އަދި އެގޮތަށް ސިޔާސީ ފިއްތުންތައް ފިއްތާ ބިރުދެއްކިޔަސްް އެމްޑީޕީ ދާނީ ކުރިއަށް ކަމަށް ޝާހިދުގެ ޓުވީޓުގައި ވެއެވެ.
ފައްޔާޒަށް ތުހުމަތު ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރު.ޑީ.ސީ އާ ގުޅުން އޮންނަ ފަރާތްތަކަށާއި އެފަރާތްތަކާ ގުޅުން އޮންނަ ކުންފުނިތަކަށް ދޫކޮށް އާރު.ޑީ.ސީގެ ފައިސާއަށް ހިޔާނަތްތެރި ވެފައިވާ މައްސަލައަކާ އަދި އާރު.ޑީ.ސީ އިން ކޮށްފައިވާ މުއާމަލާތް ތަކުގެ ތެރެއިން ފައްޔާޒު އިސްމާއިލް އާއި ކޮށްފައިވާ މުއާމަލާތްތަކާ ބެހޭގޮތުން ސުވާލު ކުރުމަށް ކަމަށް ފުލުހުންގެ އިދާރާއިން ފޮނުވާފައިވާ ޗިޓުގައި ވެއެވެ.
ހިޔާނާތުގެ މި ތުހުމަތަށް ރައްދު ދެއްވާ ފައްޔާޒު "އެކްސް"ގައި ވިދާޅުވެފައިވަނީ އާރު.ޑީ.ސީ މައްސަލާގައި އެބޭފުޅާއަން ކުރާ ތުހުމަތަކީ އަސާސެއް ނެތް ސިޔާސީ ތުހުމަތެއް ކަމަށެވެ. އަަދި އެފަދަ ކަމެއް ކޮއްފައި ނުވާނެކަމަށް ވަރަށް ސާބިތު ކަމާއެކު ބުނަން ކެރޭނެ ކަމަށާއި އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައި ވެއެވެ.


