Tuesday, 28 July 2026

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް މެމްބަރުން ވޯޓު ނުދިނުމުން ރައީސްގެ ފާޑުކިއުން އިދިކޮޅަށް!

ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް މެމްބަރުން ވޯޓު ނުދިނުމަކީ ޣައިރު ޒިންމާދާރު އަމަލެއްކަމަށާއި، އެކަމަށް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއީ ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިސް، މަޖިލީހަށް ހުށަހެޅި ފުރަތަމަ ބިލެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

ސަރުކާރުން ހުށަހެޅި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު މަޖިލީހަށް ބަލައިގަތުމަށް އިއްޔެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވީ އެންމެ ދެ މެމްބަރުންނެވެ. އެއީ ކެލާ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފާއި، މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

ވޯޓުގެ ނަތީޖާ އެއްވަރުވުމުން، އެ ވަގުތު ރިޔާސަތުގައި ހުންނެވި މަޖިލިސް ނައިބު ރައީސް އަހުމަދު ސަލީމް ވޯޓު ދެއްވީ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.

ބިލަށް ދެ މެމްބަރުން ވޯޓު ދިން ނަމަވެސް އެ ވަގުތު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޖުމްލަ 28 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިއްބެވެ. ވޯޓަށް އެހި ވަގުތު ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ އެއްވެސް މެމްބަރެއް މަޖިލީހަށް އެވަގުތު ހާޒިރުވެ ނެތެވެ.

ބޮންޑޭއާއި، ޝަރީފްގެ ވޯޓު އެއްވަރުވުމުން، ސަލީމް ވިދާޅުވީ މަޖިލީހުގެ ތާރީހުގައި ވެސް މިފަދަ ގޮތަކަށް ވޯޓެއްގެ ނަތީޖާ ނިކުމެފައިވާހެން ހީނުވާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށްވާއިރު ސަލީމް ވިދާޅުވީ ރިޔާސަތުން ދިޔައީ ތަކުރާރުކޮށް ބިލަށް ވޯޓު އެހުން އޮންނާނެކަމަށް ބުނަމުން ކަމަށެވެ. އެކަމަކު ވޯޓަށް އަހަން ރަނގަބީލު ޖެހި ވަގުތު ސަރުކާރުގެ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަން ސަލީމް ފާހަގަކުރެއްވި އެވެ.

ބިލަށް ވެގެން ދިޔަ ގޮތް މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައި ވަނިކޮށް، ރޭ އޮތް ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވީ ތަޅުމުގައި ހާޒިރުވެ ތިބެ ބިލަށް ވޯޓު ނުދިން މެމްބަރުންގެ ޣައިރު ޒިންމާދާރު އަމަލަށް ރައްޔިތުން އެ މީހުންނަށް ޖަވާބުދޭން ޖެހޭ ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދޭން ކުރާ މަސައްކަތުގައި، ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ބޭނުންވާ ސަބަބަކީ އެއީކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަރައްގީގެ ވިސްނުމުގައި ބައިވެރިވާނެ މެމްބަރުންތަކެއް މަޖިލީހަށް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހު އެއްކޮށް މަޖިލީހުން ފެނުނީ ސަރުކާރަށް އެތައް ގޮތަކުން އުނދަގޫކޮށް ޖެއްސުން ކުރި މަންޒަރު ކަމަށެވެ. އެއީ ތަރައްގީއަށް އަޅާ ހުރަހެއްކަމަށް ސިފަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުގައި ހުށަހަޅާ ބިލުތައް ތަޅުމުން ބޭރު ކުރުމަކީ ވެސް ދެވޭ އަނިޔާއެއް ކަމަށެވެ.

އެސްޑީއެފް ބިލަކީ ގައުމުގެ އިގްތިސާދު ހަރުދަނާކޮށް، ހަމައަކަށް އެޅުވުމަށް ފެށި އެންމެ މުހިންމު މަސައްކަތްކަމަށާއި އެ ފަންޑަށް ހާއްސަ ގާނޫނެއް ފާސް ކުރުން އެއީ ސަރުކާރުގެ ވައުދެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަފްތާ 14 ގެ މެނިފެސްޓޯގައި ހިމަނާ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން ޖަލްސާތަކުގައި ރައީސް މުއިއްޒު އައީ ތަކުރާރުކޮށް އެ ވާހަކަ ދައްކަވަމުންނެވެ.

ތަރައްގީއަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވާނީ ތޯ، ނުވަތަ ނޫން ތޯ ރައްޔިތުން ނިންމަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. އެސްޑީއެފް ބިލު ބޭރު ކުރުމަށް ފަހު އިންސާފުވެރިކަމުގެ ވާހަކަތައް ދެއްކުމުގެ ހައްގެއް ވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލި އެސްޑީއެފްގެ ބިލުގައި ވާގޮތުން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތީންނެވެ. އަދި ގަވަނިން ކައުންސިލްގެ ލަފައާއި އެކު ރައީސްގެ ހުއްދަ ވެސް ލިބިގެންނެވެ.

ބިލުގައި ބުނެފައި ވަނީ ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭކަމަށާއި އެއްވެސް ހަރަދެއް ވެސް ކުރަން ވާނީ ބަޖެޓުގައި ހިމަނައިގެން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *