Tuesday, 27 October 2026

ޣައްސާން މަޖިލީހުގެ 241 ކޮމިޓީ އަށް ހާޒިރު ކުރަނީ

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހާޒިރު ކުރަން އެ ކޮމެޓީން ނިންމައިފި އެވެ.

ޣައްސާން، ކޮމެޓީއަށް ހާޒިރު ކުުރުމަށް ހުށައެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ހަސަން އެެގޮތަށް ހުށައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވުމާއި ގުޅިގެން އެ މައުލޫމާތު ސާފު ކުރެއްވުމަށެވެ.

އަދި މިހާރުވެސް ވާނީ ބޮމުގެ ހަމަލާއާގުޅޭ އިތުރު މައުލޫމާތު ހޯދަން މަޖިލީހުން އެމްއެންޑީއެފް އަށް ސިޓީ އަކުން ހުށައަޅާފަ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ތުރުކީ އިން ޑްރޯންތައް ގަތް އަގުތަކާ ބެހޭ މައުލޫމާތު ވެސް 241 ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރެވޭނެ ކަމަށް ޣައްސާން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެއީ ސިއްރު ކުރަން ޖެހޭ ކަމެއް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ވެސް އޭނާ ހާޒިރު ކުރަން ފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

ކޮމެޓީއަށް ހަސަން ހުށައެޅުއްވި އެ ހުށައެޅުއްވުން ކޮމެޓީ މެންބަރުން ވަނީ ފާސްކޮށްފައެވެ. ކޮމެޓީން ފާސް ކުރީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޣައްސާން އެ ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *