މިފްކޯގެ ތެރޭގައި ނުގަވާއިދުން ގިނަ ކަންތައްތަކެއް ހިނގާ ކަމަށާ، އެ ކުންފުނިން ވަގަށް ތެޔޮ ވިއްކުމާއި މަސް ގަންނަން "ފޫނެއް" ބޯޓު ގަނެފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު ތުހުމަތު ކުރައްވައިފި އެވެ.
މިފްކޯގެ މިހާރުގެ ސީއީއޯ އެ ކުންފުނީގެ ހިންގުމާ ހިލާފަށް އަމަލު ކުރާ ކަމަށް ބުނެ ޕީސީބީން ސަސްޕެންސް ކޮށްފައިވާ މައްސަލާގައި މަޖިލީހުގެ ކޮމެޓީގައި ދިފާއުގައި ވާހަކަ ދައްކަމުން ސަމާހު ވިދާޅުވީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓަރު / ޗީފް އޮޑިޓަރު ޝައުން ޝަރީފު ސަސްޕެންޑް ކުރީ ސަބަބު ތަކެއް ހުރެގެންނެވެ.
އެއް ސަބަބެއް ގޮތުގައި ވިދާޅުވީ އެ ކުންފުންޏަށް "ފޫނެއް" ބާ ބޯޓެއް ގަތުމެވެ. އެކަމަކު އޮޑިޓުން އެކަން ވެސް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ދައްކަން ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމެޓީގައި ސަމާހު ވިދާޅުވީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓަރުގެ އަނބިކަނބަލުންނަކީ ޕީސީބީގެ ޗީފް ފައިނޭންޝަލް އޮފިސަރު ކަމަށާ އޭނާ ސަސްޕެންޑް ކުރުމުގެ ފަހަތުގައި އޮތީ ނުފޫޒު ކަމަށެވެ. އަދި އެ ނިންމުމުގައި މަސްތަހަތު ފުށޫއަރާ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ ވިސުލް ބްލޯވް ކަށިގަނޑު ފުމުމުން އެ އަޑުއިވެނީ އޮޑިޓަރުގެ އަނބިކަނބަލުންނަށް އެކަނި ކަމަށާ މީގެ އިތުރު ކަށިގަނޑެއް ނެތް ކަމަށެވެ.
ސަމާހު މިހެން ވިދާޅުވީ ޕީސީބީން މި ކޮމެޓީގައި ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެވެ. ޕީސީބީން ބުނީ ސަމާހް ސަސްޕެންޑް ކުރުމާއި ގުޅޭ މައްސަލަ އަކީ ޕީސީބީގެ ވިސުލްބްލޯ ސިސްޓަމަށް ކާކުކަން ނޭނގޭ ގޮތަށް މިފްކޯއިން ފޮނުވި މައްސަލައެއް ކަމަށެވެ.
"މިހާ ވަރަށް ކާކުކަން ނޭނގޭނީ. ޗީފް އޮޑިޓަރު [ޝަހުމް] .. [މިފްކޯ] ގެ އެޗްއާރަށް ފޮނުވި ލިޔުންތަކުގެ ޕޮއިންޓްތައް އެ ތަރުތީބުން ޕީސީބީ އަށް ފޮނުވާފަ އެ ހުރީ،" ސަމާހު ވިދާޅުވި އެވެ.
ޕީސީބީން ވަނީ ސީއީއޯ ސަމާހު މި މައްސަލާގައި 14 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އެ ކުންފުނީގެ ހިންގުން ސީއެފްއޯ އަށް ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.
ސީއީއޯ ސަމާހު ވިދާޅުވީ އޭނާ ސަސްޕެންޑް ކުރުމާ ހަމައަށް ތިން މަސްތެރޭ އެ ކުންފުނީގެ ގިނަ ކަންތައްތަކަށް ބަދަލު ގެނެސް އިސްލާހު ކޮށްފައިވާނެ ކަމަށެވެ.
"އެއް ކަމަކީ [މަސް އެކްސްޕޯޓް ކުރާ އަގު] 240 ޑޮލަރުން 205 ޑޮލަރަަށް ކުޑަކޮށްފިން. މަސް ގެންދިއުމުގެ އަގު 100،000ރ. އިން 75،000ރ. އަށް ކުޑަކޮށްފިން. އެހެންވެ ކޮންމެ ފިޔަވަޅެއް ވެސް އަޅާފައިވާނީ ކުންފުންޏަށް ފައިދާ އަށް،" ސަމާހު ވިދާޅުވި އެވެ.


