Tuesday, 28 July 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓިފައެއް ނެތް، އަސްކަރީ ގާބިލުކަން ހުރީ ގާއިމު ނުކުރެވި: ޣައްސާން

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަސް ދޯނިތަކަށް އިންޑިއާގެ ސިފައިންތަކެއް އަރައި ސުވާލު ކުރުމުގެ ހާދިސާ ހިނގާފައި ވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އަސްކަރީ ގާބިލުކަން މީގެ ކުރިން ގާއިމުވެފައި ނެތުމުންކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް އަރައި ސުވާލުކޮށް ވަނީ ސެޓްލައިޓު ނަމްބަރު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ބަޔާނެއް ވެސް އާންމު ކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަނެއްކާވެސް އިތުރު ދޯންޏަކަށް އަރައި އޮފިސަރުންތަކެއް ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކި މައްސަލައެއް ފެންމަތިވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް، އެއްވެސް ގޮތަކަށް ކަމާއި ގުޅޭ އިދާރާތްތަކާއި ވާހަކަ ދެއްކުމެއް ނެތި ބައިނަލްއަޤުވާމީ ކަނޑިތަކުގެ އުސޫލާއި ހިލާފަށް އަސްކަރިއްޔާ ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދޭން ހަމަ އެ ދުވަހު ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް އިންޑިއާއަށް ލިއުމުން އެންގި އެވެ. އެހެން ނަމަވެސް ފަހުން އެކަމުގައި ދެކެވުނު އެއްވެސް ވާހަކައެއްގެ ތަފްސީލެއް ސަރުކާރުން ނުދެއެވެ.

މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ޑިފެންސް މިނިސްޓަރާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.  ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ޣައްސާން ދެއްކެވި ވާހަކައިން ދޭހަވީ ގޮތުން އަދިވެސް އެ މައްސަލައިގައި އިންޑިއާގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި މިއަދު ޣައްސާން ވިދާޅުވީ، އިންޑިއާގެ ސިފައިންތަކެއް ރާއްޖޭގެ ހަތަރު މަސް ދޯންޏަކަށް އެރިކަން މިހާތަނަށް ބެލިބެލުމުން ކަށަވަރު ކުރެވޭ ކަމަށެވެ. މި ދޯނިތަކަށް ސިފައިން އަރާފައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވަނިކޮށްކަމަށް ޣައްސާން ވިދާޅުވި އެވެ.

އިތުރު ދޯންޏަކަށް ޖެހިގެން އައި ދުވަހު ހއ. އަތޮޅު ކައިރިން އަނެއްކާވެސް، ސިފައިން އަރައި ހުއްޓުވައި ސުވާލު ކުރިކަމަށް ޣައްސާން ވިދާޅުވި އެވެ.

"31 ޖެނުއަރީ 2024 ވަނަ ދުވަހު ހއ. ކެލާގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި.. މަސްވެރިކަން ކުރަން އުޅުނު.. އަސުރުމާ 3، މާހޯރަ 3، މި ތިން މަސް ދޯނި އެއްތަނަކަށް ގެނައުމަށް ފަހު އެ ދުވަހުގެ 14:58 އާއި 16:00 ގެ ވަގުތެއްގައި.. އިންޑިއާގެ ކޯސްޓްގާޑުގެ ދެ އުޅަނދެއްކަމުގައިވާ އައިސީޖީއެސް އަރިޔާމަން އައިސީޖީއެސް އަނާ 246 މި ދެ ބޯޓުގެ ބޯޑިން ޓީމުތަކުން ބޯޑުކޮށްފައިވާކަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ރިޕޯޓުކޮށްފައިވޭ.." – ޣައްސާން

ޣައްސާން ވިދާޅުވީ ކޯސްޓްގާޑުގެ ސިފައިންތައް ދޯންޏަށް އަރައި ސުވާލު ކުރިކަން ރަސްމީ މަސްދަރުތަކުން ކަށަވަރު ކުރެވި އެ މައުލޫމާތުތައް ހޯދަން ވެސް އެދުނު ކަމަށެވެ. އެގޮތުން އިންޑިއާގައި ހުންނަވާ ރާއްޖޭގެ ބްރިގޭޑިއާ ޖެނެރަލްއާއި، ރާއްޖޭގައި ހުންނަ އިންޑިއާގެ ޑިފެންސް އެޑްވައިޒަރާއި، ގުރުގާއުންގަ ހުންނަ އިންޑިއަން ފިއުޝަން ސެންޓަރުގައި ރާއްޖޭގެ ކޯސްޓްގާޑުގެ އޮފިސަރެއް ހުންނައިރު ފޮރިން މިނިސްޓްރީ މެދުވެރިކޮށް މާލޭގައި ހުންނަ ހައިކޮމިޝަށް އެކަން ހުށަހެޅުމުން ސިފައިން އެރިކަން ކަށަވަރުކޮށްދިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވަނީ ޣައްސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި ކަނޑު ބަލަހައްޓާނެ ވަސީލަތްތައް ދިވެހި ދައުލަތުގައި މަދުވުމެވެ. އެހެންކަމުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓޭނެ އަސްކަރީ ގާބިލުކަން އިތުރު ކުރުން މުހިންމުކަމަށް ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ ދިވެހި ރާއްޖޭގެ ސަރަހައްދު އަމިއްލައިން ބެލެހެއްޓޭނެކަމުގެ ޔަގީންކަން އެހެން ގައުމުތަކަށް ވެސް އެނގެން ޖެހޭ ކަމަށެވެ.

ސިފައިން އެރި މައްސަލައިގައި ސީދާ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ނުދެއްކެވި ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯންތައް ގެނެސްފައި ވަނީ އެ ހާދިސާއަށް ފަހު އެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނީ ދިވެހިންކަމަށް ވެސް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *