Tuesday, 28 July 2026

އެފްއޭއެމް ހިޔާނާތުގެ ތަހުގީގު އަވަސްކޮށް ދައުވާ ކުރަން ފޮނުވަނީ

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ) އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަމާކުރި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު އަވަސް ކުރަން ފުލުހުންނާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު މަޝްވަރާކޮށްފި އެވެ.

އެފްއޭއެމްގެ 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަމީލަށް ދައުވާ ކުރަން މިދިޔަ މަހުގެ އެއްވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަން ފެށީ ޕީޖީ އޮފީހުން އަންގައިގެންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ އޮފީހުން މިއަދު މި މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޓަރުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަދި، މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް މިއޮފީހަށް ހުށަހަޅުއްވައި ދެއްވުމަށް،" ޕީޖީ އޮފީހުން ބުންޏެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *